2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ 1500 ހައުސިންގ ޔުނިޓް އެޅުއްވުމަށް ޗައިނީޒް އެގްޒިމް ބޭންކްއިން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނުގެ ތަފްޞީލުގެ ތެރެއިން މަދުވާކަމަށް މާލިއްޔަތު ކޮމިޓީން ފާހަގަކުރައްވާފައިވާ މަޢުލޫމާތުތައް ސަރުކާރުން އެ ކޮމިޓީއަށް ފޮނުއްވާފައިވާއިރު، ލޯނުގެ އަސާސީ ތަފްޞީލުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ 1500 ހައުސިންގ ޔުނިޓް އެޅުއްވުމަށް ޗައިނީޒް އެގްޒިމް ބޭންކްއިން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނު 29 ޑިސެމްބަރ 2011 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، އެ ލޯނުތައް ފާސްކުރެއްވުމަށް ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު، ޤާނޫނު ނަންބަރު 2010/25 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް މަދުވާކަމުން،  އެ މަޢުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވުމަށް ޝަރުޠުކޮށެވެ. އިސްވެދެންނެވި ލޯނުތަކުގައި މަދުވާ މަޢުލޫމާތު ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވިއިރު، އެ ލޯނު 29 ޑިސެމްބަރ 2011 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވިއިރު ބައްލަވާފައިވާ އަސާސީ ތަފްޞީލްތަކަށް ބަދަލު އައިސްފައިވާކަންވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، 29 ޑިސެމްބަރ 2011 ގައި އެ ލޯނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވަނީ، ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ދެކުނުގެ ހަތަރު އަތޮޅުކަމަށްވާ ސ، ޏ، ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ހައުސިންގް ޔުނިޓް އިމާރާތްކުރުމަށެވެ. އެހެންނަމަވެސް، އިސްވެދެންނެވި ގޮތުގެމަތިން އެ ލޯނުގައި މަދުވާ މަޢުލޫމާތުތައް ދިވެހި ސަރުކާރުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވިއިރު، މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ، ދެކުނުގެ 4 އަތޮޅުގެ އިތުރަށް ހުޅުމާލޭގައިކަން ފާހަގަކުރައްވާފައިވެއެވެ. އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް އެލޯނު ނެންގެވުމަށް ކޮމިޓީން އެސޫލެއްގެ ގޮތުން އެއްބަސްވާކަމަށެވެ. އެހެންނަމަވެސް، އެ ލޯނު ބޭނުންކުރައްވާނެ ގޮތަށް ބަދަލު އައިސްފައިވުމުން، އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވުމަށެވެ. އެހެންނަމަވެސް، އިސްވެދެންނެވި މައްސަލައިގެ ކޮމިޓީ ރިޕޯޓު ފާސްކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުމުން، އެ ރިޕޯޓު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގައި ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް އަދި ފެނިވަޑައިނުގަންނަވާކަމަށް 33 މެންބަރުން ވޯޓު ދެއްވައި އެއްވަރުވުމުން، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިން ރިޔާސަތުން ވަނީ ވޯޓް ދެއްވާފައެވެ. ރިޔާސަތުން ވޯޓު ދެއްވާފައިވަނީ ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓް ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް ނިންމެވުން، 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ 1500 ހައުސިންގ ޔުނިޓް އެޅުއްވުމަށް ޗައިނީޒް އެގްޒިމް ބޭންކްއިން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނާ ގުޅޭގޮތުން 29 ޑިސެމްބަރ 2011 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގޮތް ދެމިއޮންނާނެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ޑިސެމްބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

11 ޞަފަރު 1434

24 ޑިސެމްބަރ 2012