ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މަޖިލީހުގެ އިމްތިޔާޒްގެ މައްސަލައަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހެޅުއްވި އިޞްލާހަށް ވޯޓަށް އައްސަވައި، ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މަޖިލީހުގެ އިމްތިޔާޒްގެ މައްސަލައަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހެޅުއްވި އިޞްލާހަށް ވޯޓަށް އައްސަވައި، ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ނިންމަވައިފިއެވެ. މި އިޞްލާހް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 25 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 39 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުށަހެޅުއްވި އިޞްލާހުގައި ބަޔާންކުރަނީ މި މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވައި، މި މައްސަލަ ދިރާސާކުރައްވައި، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާތީ އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އެ ކޮމިޓީގެ ހުށަހެޅުންތަކާއި އެކު މި މައްސަލަ މަޖިލީހަށް އަނބުރާގެންނެވުމަށެވެ.

މީގެއިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލަށާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވާފައިވާތީ މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލައްވާފައިވަނީ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ޑިސެމްބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

11 ޞަފަރު 1434

24 ޑިސެމްބަރ 2012