މަސައްކަތުގެ އަސާސީ އުސޫލުތަކާއި ޙައްގުތައް ލިއްބައިދީ ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އިސްކަންދީ ގޮވާލާ ކަންތައްތައް އެކުލެވޭ ފޮތް މަޖިލީހުގެ ރައީސް ނެރެދެއްވައިފި

މަސައްކަތުގެ އަސާސީ އުސޫލުތަކާއި ޙައްގުތައް ލިއްބައިދީ ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އިސްކަންދީ ގޮވާލާ ކަންތައްތައް އެކުލެވޭގޮތަށް، ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާގެ ވަގުތީ އިއްތިޙާދުން ތައްޔާރުކޮށްފައިވާ ފޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރެދެއްވައިފިއެވެ. މިކަން އޮތީ މިއަދު މާލޭ ސިޓީ ހޯލްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މަސައްކަތްތެރިންގެ ޖަމްޢިއްޔާގެ ވަގުތީ އިއްތިޙާދުން ބޭއްވި މި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވުމަށްފަހު މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ފޮތް ނެރެދެއްވުމުގެ ޝަރަފްވެރި ފުރުޞަތު ދެއްވުމުން، އެ ކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މުސްތަޤްބަލުގައި ޤައުމުގެ މުޖްތަމަޢާއި ޖަމާޢަތްތައް އިތުރަށް ކުރިއެރުވޭނީ، ހަޤީޤީ މަސައްކަތްތެރިން ތިބެގެން ކަމަށާ، ވީމާ މަސައްކަތްތެރިންގެ ހައްޤުތަކާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާގެ ވަގުތީ އިއްތިޙާދުން ކުރައްވަމުން ގެންދަވާ މަސައްކަތް މަޖިލީހުގެ ރައީސް ފާހަގަކުރައްވާ އެކަމަށް ތަޢުރީފްކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ޕައިލެޓްސް އޮފް މޯލްޑިވްސް (ޕީއޯއެމް) އާއި މޯލްޑިވްސް ޕޯޓް ވޯކާރސް ޔޫނިއަން (އެމްޕީޑަބްލިއުޔޫ) އާއި ފިޝަމަންސް ޔޫނިއަން (އެފްޔޫ) އާއި މޯލްޑިވްސް ލޭބަރ ޔޫނިއަން (އެމްއެލްޔޫ) އަދި ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.