ބަޖެޓް ކޮމިޓީގެ ސަބްކޮމިޓީގެ މަސައްކަތް ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބްކޮމިޓީގެ 1 ވަނަ އަދި 2 ވަނަ ބައްދަލުވުން ބާއްވަވާ، ކޮމިޓީއަށް ހަވާލުކުރެވިފައިވާ މަސައްކަތް ނިންމަވާލައްވައިފިއެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ސަބްކޮމިޓީގެ 1 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވިއެވެ. އެގޮތުން މުޤައްރިރުގެ ގޮތުގައި ކޮމިޓީއަށް ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ހޮވިވަޑައިގެންނެވީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްއެވެ.

މި ބައްދަލުވުމުގައި 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްސް (ޕީ.އެސް.އައި.ޕީ) އަށް ކަނޑައަޅުއްވާފައިހުރި ކަންކަން ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާ ނިންމަވާލައްވާފައިވެއެވެ.

މިއަދު ބޭއްވުނު މި ސަބްކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދުއެވެ.