2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމެޓީގެ މަސައްކަތް ނިންމަވާލައްވައިފި

 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 30 ވަނަ އަދި 31 ވަނަ ބައްދަލުވުން ބޭއްވުމަށްފަހު، ކޮމިޓީގެ މަސައްކަތް މިރޭ ނިންމަވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހެޅުއްވި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 14.5 ބިލިއަނަށް ކުޑަކުރަން ކޮމިޓީން ނިންމަވާފައިވާނަމަވެސް، މިއަދުގެ ބައްދަލުވުމުގައި 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ޖުމްލަ އަދަދު 15.3 ބިލިއަން ގެ ގޮތުގައި ކަނޑައެޅުއްވުމަށް ހުށަހެޅުއްވުމުން، އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 20 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ. މި ހުށަހެޅުން ފާސްކުރުމާ ދެކޮޅަށް ވޯޓްދެއްވީ 3 މެންބަރުންނެވެ.

ކޮމިޓީގެ 30 ވަނަ ބައްދަލުވުން ކުރިއަށްގެންދަވަނިކޮށް، 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުން އުނިކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފެނިވަޑައިގަންނަވަނީ 1 ބިލިއަން ރުފިޔާކަމަށް ކޮމިޓީއަށް އެންގެވިއެވެ.

އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްސް (ޕީ.އެސް.އައި.ޕީ) އާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމިޓީންވަނީ އެ މިނިސްޓްރީގެ ކަމާބެހޭ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި ބަޖެޓްގައި ހިމެނޭ ޕީ.އެސް.އައި.ޕީ އަށް އެކި ސިޔާސީ ޕާޓީތަކަށް ކަނޑައެޅޭ މިންވަރާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ހުށަހެޅުއްވި ހުށަހެޅުންތަކަށް ވޯޓަށް އެއްސެވިއެވެ. އެގޮތުން އެމް.ޑީ.ޕީގެ މެންބަރުންނާއި، ޕީ.ޕީ.އެމގެް މެންބަރުންނާއި، ޑީ.އާރް.ޕީގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި، ޕީޕަލްސް އެލަޔަންސްގެ މެންބަރުންނާއި، ޤައުމީ ޕާޓީގެ މެންބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ މެންބަރުންނާ އަދި މަޖިލީހުގައި ހިމެނޭ މިނިވަން މެންބަރުންގެ ދެމެދު މަޝްވަރާ ކުރައްވާ އެއްބަސްވެވަޑައިގެން ހުށަހަޅުއްވާފައިވާ ގޮތަށް ޖުމްލަ ގޮތެއްގައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ކަނޑައެޅިފައިވާ ބަޖެޓަށް 349 މިލިއަން ރުފިޔާ އެކި މަޝްރޫޢުތަށް އިތުރުކުރުމަށް ކޮމިޓީއަށް އެވަގުތު ހާޒިރުވެ ތިއްބެވި 20 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިމާރާތްކުރަމުންދާ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރަށް ނިންމެވުމަށް ކަނޑައަޅުއްވާފައިވާތީ، 2013 ވަނަ އަހަރަށް ކޮންމެހެންވެސް ބޭނުންވާ 40 މިލިއަން ރުފިޔާ މި މަޝްރޫޢު ޕީ.އެސް.އައި.ޕީގެ ބަޔަށް އިތުރު ކުރުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

އަދި ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ރެކަމެންޑޭޝަންގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑްއާ ހަވާލުކޮށް ކުރިއަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) ގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަކަށް ނޫންކަމަށް ބުނެ، އަދި 2013 ވަނަ އަހަރުގެ ބަޖެޓުން އެ މަޝްރޫޢުއަށް ކަނޑައަޅާފައިވާ ފައިސާ އުނިކުރުމަށް އެދި މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ ހުށަހެޅުމަށް އެ ވަގުތު ބަޖެޓް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 20 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އަދި ކަރަންޓު ބިލަށް ސަބްސިޑީ ދިނުމުގައި ހަމަހަމަ އުޞޫލަކުން ސަބްސިޑީ ދިނުމަށާ، އެގޮތުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ދޫކުރާ ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާ ރައްޔިތުންގެ އިންޖީނުގެތައް މެދުވެރިކޮށް ދޫކުރާ ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާ ދެމެދު ސަބްސިޑީ ދިނުމުގައި ތަފާތު ނުކުރުމަށް ބާރުއަޅުއްވާ ހުށަހެޅުއްވި ހުށަހެޅުންވެސް ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ނިންމެވިގޮތުގެ ކޮމިޓީ ރިޕޯޓް 23 ޑިސެމްބަރު 2012 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރައީސަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެެ.

މިރޭގެ ބަޖެޓް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،  ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހަންމަދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.