މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް އަރުވައި އެކަން މިއަދު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގާންވާނެ ކަމުގައެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި، ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވާކަމުގައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ލިޔުމުގައި މަޖިލީހުގެ 17 މެންބަރުން ސޮއިކުރައްވާފައިވެއެވެ.
ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާ ހުށަހެޅުމަކުން ކަމަށެވެ.