2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިއަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު 14.5 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފި

2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 27 ވަނަ ބައްދަލުވުމުގައި، 2013 ވަނަ އަހަރަށް ކަނޑައަޅުއްވައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މަޖިލީހަށް ފޮނުއްވާފައިވާ 16،972،718،211 ރުފިޔާގެ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދު، 14.5 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި 2013 ވަނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރެއްވުމަށް ޓަކައި ނަންގަވާ ޖުމްލަ ލޯނުގެ އަދަދު 2 ބިލިއަން ރުފިޔާއަށް ވުރެ އިތުރުނުކުރުމަށްވެސް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.

މީގެއިތުރުން، ސިވިލް ސަރވިސް އަދި މިނިވަން މުއައްސަސާތަކުގެ މުއައްޒަފުންނަށް ހިނގާ ޚަރަދު (ބަޖެޓް ކޯޑް 211- މުސާރައާއި އުޖޫރަ، ބަޖެޓް ކޯޑް 212 މުވައްޒަފުންނަށް ދޭ އެލަވަންސް) ގެ ތެރެއިން މުވައްޒަފުންނަށް ދޭ އިތުރު ގަޑީގެ އެލަވަންސް ފިޔަވައި ބަޖެޓްގައި ކަނޑައަޅުއްވާފައިވާ އަދަދުން އުނިނުކުރުމަށާއި އަދި 2013 ވަނަ އަހަރުގައި ހިންގަން ކަނޑައަޅުއްވާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކަނޑައަޅުއްވާފައިވާ ޖުމްލަ ބަޖެޓްގެ އަދަދު އުނިނުކުރަން ފާސްކުރައްވާފައިވެއެވެ.

އިޞްލާޙްތަކާ ގުޅިގެން 2013 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓަށް އަންނާނެ ބަދަލުތަކާގުޅޭ “ބަޖެޓް ކޮންސަލްޓެންސީ ޕޭޕަރެއް” މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން އުކުލަވާލައި ބަޖެޓް ކޮމިޓީއަށް ފޮނުއްވުމަށް ދެންނެވުމަށްވެސް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވާފައިވެއެވެ.

އަދި މީގެއިތުރުން، ބަޖެޓްގައި ކަނޑައަޅުއްވާފައިވާ ޚަރަދުތަކުގެ ތެރެއިން 1067 މިލިޔަން ރުފިޔާ އުނިކުރާނެގޮތެއްގެ ޕްރޮޕޯސަލެއް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވުމަށްވެސް ކޮމިޓީއިން ކަނޑައެޅުއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،  ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.