މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެދު މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 70 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރިއަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) ގެ މަޝްރޫޢުގެ މަސައްކަތް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑް އާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒް ލިމިޓެޑް އާއި ދެމެދު 17 އޮކްޓޯބަރ 2010 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިމާޒްތަކަކީ ކޮބައިތޯ ބެލުމަށް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެދު މަޝްވަރާކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކުރިއަށް ގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) ގެ މަޝްރޫޢު މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ ދަޢުލަތަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަމަށް ކޮމިޓީއަށް ފެންނާތީ އެއްބަސްވުން ބާތިލްކުރެއްވުމަށް ސަރުކާރަށް ލަފާދެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. އަދި  ރައްޔިތުންގެ މަޖިލީހުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި ސަރުކާރުން ކުރިއަށް އޮތްތާންގައި އެއްވެސް އެގްރިމެންޓެއްގައި ސޮއިނުކުރުމަށާއި އަދި މަޖިލީހުން ފާސްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށް އެފަދަ ކަންކަން މަޖިލީހަށް ހުށަނާޅާ އެއްބަސްވުންތައް ކުރިއަށް ނުގެންދެވުމަށް ސަރުކާރަށް ދެންނެވުމަށް ނިންމަވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ.