ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 1 މެންބަރެކެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލު 2012 ގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މިއަދު ބަހުސް ކުރެއްވީ 4 މެންބަރުންނެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ބިލު 2012 އަށް މިއަދު ބަހުސް ކުރެއްވީ 2 މެންބަރުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

05 ޞަފަރު 1434

18 ޑިސެމްބަރ 2012