ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރު ކަމަށް ގދ.ރަތަފަންދޫ ފިނިފެންމާގެ އަލްފާޟިލް ޝުޖާޢު ޙުސައިންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
ގދ.ރަތަފަންދޫ ފިނިފެންމާގެ އަލްފާޟިލް ޝުޖާޢު ޙުސައިންގެ ނަންފުޅު ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި އެ ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގައި، ހުށަހެޅިފައިވާ 3 ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައިން މާކްސް ހޯއްދެވި ދެ ނަންފުޅުކަމަށް ބަޔާންކޮށްފައިވަނީ 95.3 އިންސައްތަ މާކްސް ހޯއްދެވި ގ.ގުލްޝަންވިލާ މުޙައްމަދު ނަޒީފް އާއި 84.5 އިންސައްތަ ހޯއްދެވި ގދ.ރަތަފަންދޫ ފިނިފެންމާގެ ޝުޖާޢު ޙުސައިން އެވެ. ކޮމިޓީން ނިންމެވީ މިދެބޭފުޅުންގެ ތެރެއިން ގ.ގުލްޝަންވިލާ މުޙައްމަދު ނަޒީފް އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވާތީ، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މި މަޤާމަށް އެންމެ ޤާބިލް ބޭފުޅާކަމަށެވެ.
މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ ގ.ގުލްޝަންވިލާ މުޙައްމަދު ނަޒީފް ގެ ނަންފުޅަށެވެ. ނަމަވެސް މިނަންފުޅު ފާސްވެފައެއް ނުވެއެވެ.
05 ޞަފަރު 1434
18 ޑިސެމްބަރ 2012