ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާޤުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ފާސްކުރައްވާފައިވަނީ 46 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލު ފާސްކުރެއްވުމުގެ ކުރިން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙަށް ވޯޓަށް އައްސަވާފައިވެއެވެ. އެހެންނަމަވެސް މި އިޞްލާޙް ފާސްކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައި ބަޔާންކޮށްފައިވާހިނދު، ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ދިނުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ އާސަންދަ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ޚަރަދެއް ދައުލަތުން ކުރަމުން ނުދިއުމުގެ ސަބަބުން ވަރަށް ނިކަމެތި ހާލުގައި ޖެހިފައިވާ އެތަކެއް ދިވެހި ރައްޔިތުންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވި ނިކަމެތި ހާލުގައި މިކަމަށް އެކަށޭނަ ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ޤަރާރަށް 10 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

04 ޞަފަރު 1434

17 ޑިސެމްބަރ 2012