ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސް ނޭޝަނަލް އޯގަނައިޒްޑް ކްރައިމްގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ބީލަމެއްނެތި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އެއްސަވައި 46 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.
ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ކޮމިޓީން ނިންމެވިގޮތަށް 7 ރިޕޯޓަކަށް ވޯޓަށް އައްސަވައި، 6 ރިޕޯޓެއް ފާސްކުރައްވާފައިވެއެވެ. އެއީ ޤައުމީ ތަރައްޤީގެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލް 2 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ދިރާސާކުރެއްވުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ދިރާސާކުރެއްވުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ދިރާސާކުރެއްވުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ދިރާސާކުރެއްވުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓާއި ހިއުމަން ރައިޓްސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ދިރާސާކުރެއްވުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓެވެ.
ޤައުމީ ތަރައްޤީގެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލް 2 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވި ގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 53 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވި ގޮތަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 51 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުންނެވެ. 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާޤުންނެވެ. 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތަށް މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައިނުވުމުން 44 މެންބަރުންގެ އަޣްލަބިއްޔަތުންވަނީ އަނބުރާ ޢާންމު ކޮމިޓީއަށް ފޮނުވިފައެވެ. އަދި މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަންނަން ފެނެވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން އެބިލު ބަލައިގަތުމަށް ފާސްވެފައެއް ނުވެއެވެ.
04 ޞަފަރު 1434
17 ޑިސެމްބަރ 2012