މިއަދު ބޭއްވުނު ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ޚިޔާލުފާޅުކުރެއްވުމަށްފަހު، ބިލަށް ގެނެވިފައިވާ އިސްލާޙުތައް ހިމަނައިގެން ތައްޔާރުކުރައްވާފައިވާ ބިލުގެ ފައިނަލް ޑްރާފްޓްގައި ހުރި ކުދިކުދި ބައެއް ކަންކަން އިސްލާޙުކުރެއްވިއެވެ.
އެއަށްފަހު އެ ޑްރާފްޓް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ނެގުނު ވޯޓްގައި ކޮމިޓީއަށް ޙާޟިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، ކޮމިޓީން ތައްޔާރުކުރައްވާފައިވާ ބިލްގެ ޑްރާފްޓް އޮތް ގޮތަށް ފާސްކުރެއްވުމަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްއެވެ. އަލިފުށީ ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު މިއަދުގެ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.