މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 52 ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލާ ބައްދަލުކުރައްވާ މައިގަނޑު 3 ކަމަކާއި ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިވަޑައިގަންނަވާ ދަޢުވާކުރުމުގެ އިޚްތިޔާރު ބޭނުން ކުރެއްވުމުގައި ހަމަހަމަކަން ނުގެންގުޅުއްވާ ކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީއާއި އަދި އެއްބާވަތެއްގެ މައްސަލަތަކުގައި، ބައެއް މައްސަލަތައް ތަޙްޤީގު ކުރުމަށް އަމުރު ކުރައްވާއިރު، އެބާވަތުގެ އެހެން މައްސަލަތައް ތަޙްޤީގު ކުރުމަށް އަމުރު ނުކުރައްވާކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ، އެކަންތައްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގައި ދަޢުވާކުރެއްވުމުގެކުރިން، ފެބްރުއަރީ 8 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅޭ ދަޢުވާކުރުން އަވަސްވެފައިވާ ކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީ އެކަމާ ގުޅޭގޮތުންވެސް މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިންއެވެ.