ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދަވައިފިއެވެ. ބަހުސްގެ މަރުހަލާގައި މިބިލަށް ވާހަކަ ދެއްކެވީ 2 މެންބަރުންނެވެ. އެއަށްފަހު ޖަލްސާގައި ކުރިއަށް ގެންދެވީ ކޮމިޓީތަކުން ހުށަހަޅުއްވާ ކަންކަމެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި ޢާންމު ކޮމިޓީންނާއި މާލިއްޔަތު ކޮމިޓީން 7 ރިޕޯޓް ހުށަހަޅުއްވާފައިވެއެވެ. މިގޮތުން ޢާންމު ކޮމިޓީން ހުށަހެޅުއްވި ރިޕޯޓްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓާއި، ޤައުމީ ތަރައްޤީގެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލް 2 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ނިންމެވި ގޮތުގެ ރިޕޯޓެވެ. މި ދެ ރިޕޯޓް ހުށަހަޅުއްވައި ދެއްވީ ޢާންމު ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވީ މި އިސްލާޙް ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރެއްވުމަށް ނުފެންނަކަމަށެވެ.

އަދި މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތުގެ ރިޕޯޓްތަކަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ހިއުމަން ރައިޓްސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އެވެ. މިރިޕޯޓްތައް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ބީލަމެއްނެތި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސް ތަޢާވަލްކުރެވިފައިވެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވައި، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ މިއަދުގެ ޖަލްސާގައި ފޮނުވިފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.

28 މުޙައްރަމް 1434

12 ޑިސެމްބަރ 2012