މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 6 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. މީގެއިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް މިއަދު އިއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ދެ ބިލެއްގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވުމުން ތިން ވަނަ ކިޔުން އިއްވަވާފައިވެއެވެ. އެ ދެ ބިލަކީ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މިއަދު ބަހުސްކުރެއްވީ 7 މެންބަރުންނެވެ. އަދި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަށް ބަހުސްކުރެއްވީ 3 މެންބަރުންނެވެ.
އެއަށްފަހު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސް ނޭޝަނަލް އޯގަނައިޒްޑް ކްރައިމްގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވާފައިވެއެވެ. އެހެންނަމަވެސް މި ރިޕޯޓަށް އެއްވެސް މެންމެބަރަކު ބަހުސްކުރައްވަން ފުރުޞަތަކަށް އެދިވަޑައިގެންފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން 14:06 ގައި ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުން ދިޔައީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ބީލަމެއްނެތި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށެވެ. މިއަދު މިރިޕޯޓަށް ބަހުސް ކުރެއްވީ 4 މެންބަރުންނެވެ.
ކޯރަމް ގެއްލުމުގެ ސަބަބުން މިއަދު ޖުމްލަ 4 ފަހަރު ޖަލްސާ މެދުކަނޑާލާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށްހުރި ކަންކަމަށް ވޯޓަށް އެއްސެވުމަށް ވޯޓު ރަނގަބީލު ޖެހުމުން، މަޖިލީހުން ފާސްކުރާ ބިލުތަކާއި ގަރާރުތަކަށާއި މައްސަލަތަކަށް ވޯޓަށް އެއްސެވުމަށް މަޖިލީހުގައި ޢަމަލު ކުރަމުންދާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ބަލަމުންގެންދާ ޢަދަދު ހަމަވެފައިނުވާތީ، މިއަދު ވޯޓަށް އައްސަވާފައެއް ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 ޑިސެމްބަރ 2012 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.
27 މުޙައްރަމް 1434
11 ޑިސެމްބަރ 2012