މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި، 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ޖާގަ ލިބިފައިވާ މިންވަރާއި މެދު މަޝްވަރާ ކުރެއްވިއެވެ.
މިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ޢަބްދުﷲ ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަޙީދު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.