މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 51ވަނަ ބައްދަލުވުން ބާއްވައިފި

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 51 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުމުގައި، ސިޔާސީ ޕާޓީތަކުގެ ބިލުގެ ފައިނަލް ޑްރާފްޓް ކޮމިޓީން ފާސްކުރައްވައި މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ވަނީ ނިންމަވާފައެވެ. މިގޮތަށް ފާސްކުރައްވާފައިވާނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަދި މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްއާ ބެހޭގޮތުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، މިއަންނަ ބުދަ ދުވަހުގެ ބައްދަލުވުގައި، ޕްރޮސެކިއުޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މި ގޮތަށް ނިންމެވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިންއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.