މިއަދުގެ ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 198 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޕެޓިޝަން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ 2 ޕެޓިޝަންއާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިގޮތުން، ނ. ފޮއްދޫ އަށް އަރާ ފޭބުމަށް ދިމާވެފައިވާ ދަތިތަށް ފާހަގަކޮށް، ހުށަހެޅިފައިވާ ޕެޓިޝަނާ ގުޅިގެން ޕެޓިޝަން ކޮމިޓީގެ ފަރާތުން ކުރެއްވި ދަތުރަށްފަހު، އެކުލަވާލި ރިޕޯޓްއާއި ބެހޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، ނިންމަވާފައިވަނީ މިނިސްޓްރީއޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގައި މިކަމާ ބެހޭ މަސައްކަތްތައް ހުރުމާއެކު އެކަމާ ގުޅޭ، ދިރާސާތަކާއި ކުރެހުންތައް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުމަށެވެ. އަދި 2013 ވަނަ އަހަރު ފޮއްދޫގެ ބަނދަރުގެ މަސައްކަތް ބަޖެޓްގައި ހިމަނުއްވައިދެއްވުމަށް އެދި ބަޖެޓް ކޮމިޓީގައި ދެންނެވުމަށެވެ.
މީގެއިތުރުން، އައްޑު އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ފައިސާ 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިނުވާތީ، އައްޑު އަތޮޅު ރައްޔިތުން ފޮނުއްވާފައިވާ ޕެޓިޝަނާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީންއެވެ.