ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 23 ބައްދަލުވުން މިއަދު މެންދުރުފަހު ބާއްވައިފިއެވެ.
މިބައްދަލުވުމުގައި، ކައުންސިލް އިދާރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފާސްކޮށްދެއްވާފައިވާ 200 މިލިއަން ރުފިޔާއަށް ވީގޮތް ބައްލަވައި ދެއްވުމަށާއި ށ. ޅައިމަގުގެ ބަނދަރުގެ މަރާމާތު ކުރުމުގެ މަސައްކަތްތައް އަދި ށ. މާއުނގޫދޫގެ ބަނދަރު ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި ފެށިފައި ނުވާތީ، މި 2 މައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބޭފުޅުންނަށް ދެންނެވުމަށް ނިންމެވިއެވެ.
އަދި، ތ. ގުރައިދޫ ރަށް ގިރުމުގެ މައްސަލައާއި ގުޅޭގޮތުން ތ. ގުރައިދޫ ކައުންސިލް އިދާރާގެ ފަރާތުން ފޮނުއްވާފައިވާ ސިޓީއަށް ޖަވާބުދެއްވުމަށް ނިންމަވާފައިވެއެވެ. މިގޮތުން، މިމައްސަލައަށް 2013 ގެ ބަޖެޓުން ދާއިމީ ހައްލެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ލިޔުއްވުމަށް ނިންމެވިއެވެ.
މީގެއިތުރުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ނ.މިލަދޫ ކައުންސިލުން އެކުވެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ. މިލަދޫ ކައުންސިލްގެ މެންބަރެއްގެ ފަރާތުން ނިގުޅައިގަނެފައިވާތީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މިމައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުން މިމައްސަލައާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދެއްވުމަށް އެދި ދެންނެވުމަށް ނިންމެވިއެވެ.
އަދި ސ. ހިތަދޫ / ރަތްފުސްގެ ޢަބްދުﷲ ޤާސިމް އިބްރާހީމް މަރުގެ މައްސަލައިގައި ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބެލެވޭތީ ހުށަހަޅުއްވާފައިވާ މައްސަލައަށް މިއަދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ކޮމިޝަނަރ އޮޕް ޕޮލިސްއާ ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ.