1997 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރަށް އިންޑިޔާގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޝްރީ އިންދަރް ކުމާރު ގުޖްރާލްގެ ހަނދާނުގައި އިންޑިޔާގެ ހައި ކޮމިޝަންގައި ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާޙިދު މިއަދު ސޮއެކުރައްވައިފިއެވެ.
ތަޢުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ ރައީސް ލިޔުއްވި ބަޔާނުގައި ޝްރީ އައި. ކޭ ގުޖްރާލް އަކީ ދިވެހިރާއްޖޭގެ ގާތް ރަޙްމަތްތެރިއެއްކަމަށާ، ރާއްޖެއާއި އިންޑިޔާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި މަސައްކަތް އަބަދުވެސް ދިވެހީންގެ ހަނދާނުގައި ދެމިއޮންނާނެކަން ފާހަގަކުރެއްވިއެވެ.
އަދި ޝްރީ އައި. ކޭ ގުޖްރާލްއަކީ އިއްޒަތްތެރި ޝަޙްސިއްޔަތެއްކަމަށާ، ދުރުވިސްނޭ ލީޑަރެއް ކަމަށާ އަދި ސިޔާސީ ދާއިރާގައި ވަރަށްވެސް ފުންނާބުއުސް ބޭފުޅެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.