ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ދިވެހި ސަފީރު އަލްފާޟިލް އަޙުމަދު ޚަލީލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު މެންދުރު އިޚްތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުކޮށްލެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ހުރި ގޮތުން މަޖިލީހުގެ އިމާރާތުގެ ދަތިކަން ވަރަށް ބޮޑުކަމަށާއި، އެކަށީގެންވާވަރަށް ވަސީލަތްތައް މަދުކަމަށް ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން މަޖިލީހުގެ އެކިކަންކަމުގައި ބޭނުންކުރާ ކަރުދާސްމަދުކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވަމުންދާކަމަށާއި އަދި ޖަޕާނަކީ ފުންނާބުއުސް ޤައުމަކަށްވާތީ މިކަމުގައިވެސް އެހީތެރިކަމެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭވި ހިނގަމުންދާގޮތާ ބެހޭގޮތުންވެސް މަޖިލީހުގެ ރައީސް ސަފީރަށް މަޢުލޫމާތު އެރުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޖަޕާނާދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން މަޖިލީހުގެ މަސައްކަތްތައް ހަލުވިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޖަޕާން ޕަރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕް މެދުވެރިކޮށް ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.