2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ. ޖަލްސާގެ ކޯރަމް ހަމަނުވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތީން 16:22 ގައި ޖަލްސާ ނިންމަވާލެއްވިއިރު ޖުމްލަ 8 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. ކޯރަމްގެ ގެއްލުމާގުޅިގެން މިއަދުގެ ޖަލްސާ ޖުމްލަ 4 ފަހަރު ފަސްކުރައްވާފައިވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ދިވެހި ސަރުކާރުން ލޯނު ނުވަތަ ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ، އެކަމަށް އެދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާނަމަ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ކަމަށް ބަޔާންކުރާތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް މިއަދު އިއްވަވައި، މާލިއްޔަތު ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.
20 މުޙައްރަމް 1434
04 ޑިސެމްބަރ 2012