މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 198 ވަނަ މާއްދާ (ށ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް، މާފަންނު ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޕެޓިޝަންއަށް މަޝްވަރާކުރެއްވުން ކުރިއަށްގެންދަވަފިއެވެ.
މިޕެޓިޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާއާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުޙަންމަދު އިންޑިއާއަށް އަމާޒުކޮށް ދައްކަވަމުންގެންދާ ވާހަކަފުޅުތަކުގެ ސަބަބުން ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގާތްގުޅުމަށް ހީނަރުކަމެއް އައިސްދާނެކަމަށް ބެލެވޭތީ، އަދި އިންޑިއާއަކީ ދިވެހިންގެ ޒަރޫރީ އެތަކެއް ހިދުމަތްތަކަށް އަޅުގަނޑުމެން ބަރޯސާވެފައި އޮންނަންޖެހޭ ޤައުމަކަށް ވާހިނދު، މިހެން މިކަން ހިނގާކަމުގައިވަނީނަމަ ބޮޑުވެގެންވާ ގެއްލުމެއްގެ ބިރު ހީވެފައިވާތީ މިމައްސަލަ ތަޙުޤީގުކޮށްބަލައި، އިސްވެ ބަޔާންކުރެވުނު ދެމީހުން އަދާކުރަމުންދާ މަޤާމުތަކުން ވަކިކުރުމަށް ސަރުކާރުގައި ދެންނެވުމަށް އެދި ހުށައަޅުއްވާފައިވާ ޕެޓިޝަންއެކެވެ. އަދި މިމައްސަލަ އިތުރަށް ދިރާސާކުރެއްވުމައްޓަކައި 3 މެންބަރުންގެ ސަބްކޮމިޓީއެއް އެކުލަވާލަން ކޮމިޓީގެ އިއްތިފާގުން ނިންމެވިއެވެ. ސަބްކޮމިޓީއަށް ހޮވިވަޑައިގެންނެވި 3 މެންބަރުންނަކީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަންއެވެ.
މީގެ އިތުރުން، ނ. ފޮއްދޫއަށް އަރާ ފޭބުމަށްޓަކައި ރައްޔިތުންގެ އަމިއްލަ މަސައްކަތުން އަޅާފައިވާ ޖެޓީ ހަލާކުވެ، ރަށަށް އަރާ ފޭބުމަށް ދަތިވެފައިވާތީ، އެރަށުގެ 164 މީހުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާއެވެ.
