ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގެ ނެގޭ ވޯޓު ސިއްރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 41 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 34 މެންބަރުންނެވެ.
މިގޮތަށް ފާސްވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި، 173 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި އަދި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިޞްލާޙާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ގެންނެވި އިޞްލާޙަކީ “ޤާނޫނު އަސާސީގައި ނުވަތަ މި ގަވާއިދުގައި ސިއްރު ވޯޓް ނެގުމަށް ލާޒިމްކުރާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ނަގާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ ވޯޓެކެވެ.”
173 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރެއްވި އަކުރަކީ “މި ގަވާއިދުގެ 172 ވަނަ މާއްދާ އާއި 173 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގައި ވޯޓް ނަގަން ޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓެވެ.”
177 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރެއްވި އަކުރަކީ “މި ގަވާއިދުގެ 177 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ވޯޓް ނަގަން ޖެހޭ ޙާލަތްތަކުގައި ނަގާނީ ސިއްރު ވޯޓެވެ.”
މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދައުލަތުގެ މަސްއޫލު މަޤާމުތައް ފުރާ މީހުންގެ މުދަލާއި ފައިސާ ހާމަކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވިއެވެ.
ކޯރަމް ގެއްލިގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ޤާނޫނު ނަންވަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވި ރިޕޯޓަށެވެ.
