ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދްމަތުގެ ބިލު 2012 ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 24 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކުރެއްވުމުން މިބިލު މިހާރުވަނީ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުމުގެ ސަބަބުން މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ. މިބިލުގެ ބަހުސްގެ މަރުހަލާގައި ޖުމްލަ 10 މެންބަރުން މިއަދު ވާހަކަ ދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 3 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.