މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 50 ވަނަ ބައްދަލުވުން ބާއްވަވައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ފަނޑިޔާރުން އައްޔަނުކޮށް އުފައްދައިގެން ހިނގަމުންދާ ކޯޓެއް ކަމަށް ވިދާޅުވެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލަ ބަލައިދިނުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 03 މެންބަރުން މައްސަލައެއް އެ ކޮމިޓީއަށް ހުށައެޅުއްވުމުން، އެ ކޮމިޓީއިން އެމައްސަލަ ބަލާ ދިރާސާ ކުރެއްވުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހޯދައި ބެލި ލިޔުންތައް އެ ކޮމިޓީގެ ފަރާތުން، ދިރާސާކުރައްވާ ނިންމެވުމަށްފަހު ހުޅުމާލެ ހިނގަމުން އަންނަ މެޖިސްޓްރޭޓް ކޯޓަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ދަށުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާއިން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި 63 ވަނަ މާއްދާގެ ދާއިރާގެ ތެރޭގައި ހަދައި ހިންގަމުން އަންނަ ކޯޓެއް ކަމުގައި ބަލައިގަނެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

ހުޅުމާލޭ ކޯޓް އުފެއްދުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ކޮމެޓީ އަށް ފޮނުވި ލިޔެކިޔުންތަކަށް ރިޔާއަތް ކުރުމަށް ފަހު، ހުޅުމާލެ ކޯޓު ބަލައިގަތުމާއި ގުޅޭގޮތުން މިނިވަން މުއައްސަސާއިން ނިންމެވީ، ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 08 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނިންމުމާ ދެކޮޅު ހެއްދެވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ކޮމެޓީގެ މުގައްރިރަކަށް އިންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ވޯޓްގައި ބައިވެރިއެއް ނުވެވެ އެވެ.

މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބެހޭގޮތުން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލައާއި މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ މިނިވަން މުއައްސަސާތަކުގެ ކަންކަމާ ބެހޭ ކޮމިޓީއަށް ވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިންއެވެ.