2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ 1 ވަނަ ބައްދަލުވުން ބާއްވަވައިފި

2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރައްވާ 22 މެންބަރުންގެ ކޮމިޓީގެ 1 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުން ކުރިއަށްގެންދިޔައެވެ. އެގޮތުން ކޮމިޓީގައި ވަޑައިގެންތިއްބެވި 18 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 17 މެންބަރުންގެ އިއްތިފާޤުން މުޤައްރިރުގެ މަޤާމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އިންތިޙާބްވެވަޑައިގަތެވެ. އަދި ނައިބު މުޤައްރިރު ކަމުގެ މަޤާމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 18 މެންބަރުންގެ ތެރެއިން 12 މެންބަރުންގެ އަޣްލަބިއްޔަތުން ހޮވިވަޑައިގަތީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

އެއަށްފަހު ކޮމިޓީގެ ގަވާއިދު ފާސްކުރައްވާ، ކޮމިޓީގެ މަސައްކަތް ނިންމަވާލެއްވުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ރައީސްއަށް ފޮނުއްވުމުގެ ސުންގަނޑީގެ ގޮތުގައި 20 ޑިސެމްބަރ 2012 ވީ ބުރާސްފަތި ދުވަސް ހަމަޖެއްސެވިއެވެ.

އަދި ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތާއި މެދު މަޝްވަރާކުރައްވާ، 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން އެޓަރނީ ޖެނެރަލްއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، ހުށަހަޅުއްވާފައިވާ ބަޖެޓާގުޅޭ ގޮތުން އެފަރާތްތަކުގެ ފަންނީ ލަފާ ހޯއްދެވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދު އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރުއެވެ.