ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަލުން އެކުލަވާލުމާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓިތަކަށް އައި ބަދަލާ ގުޅިގެން، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަލުން އެކުލަވާލުމާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލު 2012 ގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ. އަދި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހަޅުއްވައި ބަހުސް ކުރައްވާފައިވެއެވެ. މިރިޕޯޓަށް 3 އިޞްލާޙެއް މިއަދު ހުށަހަޅުއްވާފައިވެއެވެ. މިރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު އެވެ. މިއަދުގެ ބަހުސްގެ މަރުހަލާގައި މިބިލަށް ވާހަކަ ދައްކަވާފައިވަނީ 6 މެންބަރުންނެވެ.

މިއަދުގެ ޖަލްސާއި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 ނޮވެމްބަރ 2012 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

13 މުޙައްރަމް 1434

27 ނޮވެމްބަރ 2012