2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފި

ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

2012 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަކީ 16,972,718,211 ރުފިޔާ (ސޯޅަ ބިލިޔަން ނުވަސަތޭކަ ހަތްދިހަ ދެ މިލިޔަން ހަތްސަތޭކަ އަށާރަ ހާސް ދުއިސައްތަ އެގާރަ ރުފިޔާ) ކަމަށެވެ.

2013 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 12,886 މިލިއަން ރުފިޔާއެވެ. މިއަދަދަކީ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން ލިބެނޭކަމަށް ލަފާކުރާ 1,814 މިލިޔަން ރުފިޔާ ހިމަނައިގެން ލިބޭ އަދަދެކެވެ. 2013 ވަނަ އަހަރަށް ލަފާކުރާ ޖުމްލަ އާމްދަނީ އެކުލެވިގެންވަނީ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 8,003 މިލިއަން ރުފިޔާ އާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 3,069 މިލިއަން ރުފިޔާގެ މައްޗަށެވެ.

އަންނަ އަހަރުގެ ބަޖެޓްގެ 70.7 އިންސައްތަ ހަރަދު ވާނެކަމަށް ލަފާކޮށްފައި ވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. މިގޮތުން ރިކަރަންޓް ޚަރަދުގެ 48 އިންސައްތަ އަކީ މުވައްޒަފުންނަށް ހިނގާ ޚަރަދެވެ.

2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖުމްލަ ޚަރަދު އަދި ނެޓް ލެންޑިންގގެ ގޮތުގައި ހުށަހަޅާފައިވަނީ 15،645.8 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޚަރަދުގެ ޖުމްލަ އަކީ 15,756.9 މިލިއަން ރުފިޔާއެވެ.

ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހިނގަމުންދާ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަޖިލީހުގެ ޢާންމު ޖަލްސާއަކަށް ހުށަހަޅަންވާނެކަމަށެވެ.

13 މުޙައްރަމް 1434

27 ނޮވެމްބަރ 2012