ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަޙުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަޙުސް ކުރިއަށްގެންދަވައިފިއެވެ.

މި މައްސަލައަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތެއްކަމަށްވާ، އިބްރާހީމް ޙުސައިން ޒަކީ، ވަކި ބައެއްގެ މަސްލަޙަތު ހިމެނޭ ވިޔަފާރިއެއް ޙިމާޔަތްކުރުމުގެ ގޮތުން، އިންޑިޔާގެ އަސްކަރިއްޔާގެ ބޭނުން ހިފަން ބޭނުންވާފަދަ ގޮތަކަށް އިންޑިޔާގެ ނޫސްތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާކަމަށް ބެލެވޭ ކަމަށް ބުނެ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަޙުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، ހާޒިރުވެވަޑައިގެންތިއްބެވި 32 މެންބަރުންގެ ތެރެއިން، 22 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިއަދުގެ ޖަލްސާގައި، މި މައްސަލައަށް 21 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މި މައްސަލައިގެ ބަޙުސް ވަގުތު އިތުރުކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާ، ވައިކަރަދޫ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ތަޢީދުކުރައްވާފައިވެއެވެ. އަދި ހާޒިރުވެވަޑައިގެން ތިއްބެވި 39 މެންބަރުންގެ ތެރެއިން 32 މެންބަރުން މި ހުށަހެޅުމަށް ތާޢީދުކުރައްވާ ވޯޓް ދެއްވުމުން، އެގޮތަށް ފާސްވެފައިވެއެވެ.

ނަމަވެސް ޖަލްސާގެ ޤާނޫނީ ޢަދަދު ތަކުރާރުކޮށް ގެއްލެމުންދިއުމުގެ ސަބަބުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދުގެ ޖަލްސާ 13:05 ގައި ނިންމަވާލެއްވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 ނޮވެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.