މަޖިލީހުގެ މެންބަރަކާއި ބައެއް މުވައްޒަފުންގެ ކާނާ ވިހަވި މައްސަލައާމެދު ޢާންމު ކޮމިޓީން ގޮތެއް ނިންމަވައިފި

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި މެންބަރުންނާއި މުވައްޒަފުން ކާނާ ވިހަވި މައްސަލަ ދިރާސާކުރެއްވި އާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓްގެ ރިކޮމެންޑޭޝަނަކަށް ގެންނެވި އިސްލާޙަކާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން އެރިޕޯޓަށް އާންމު ކޮމިޓީން ތާއިދުކުރައްވައިފިއެވެ.

މިމައްސަލަ ދިރާސާކުރެވި ސަބް ކޮމިޓީގެ ރިޕޯޓުގައި، 14 ނޮވެމްބަރ 2012 ގެ ހެނދުނު ގެ ނާސްތާއަށް ސައުތު ބީޗުން މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދެއްވެވި ކުޅިމަހުގައި ހިސްޓަމައިން ވިހަ (Histamine Toxicity) ގެ އަސަރު ހުންނަށް ޖެހޭވަރަށްވުރެ އެތަށް ގުނައެއް މަތީގައި ހުރިކަމުގައި ޑިޕާޓްމެންޓް އޮފް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޙްލީލުތަކުން ސާބިތުވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އެ ކޮމިޓީން ރިޕޯޓުގެ ރިކޮމެންޑޭޝަނަށް ގެންނެވި އިސްލާޙަކީ މިމައްސަލައަށް ދާއިމީ ޙައްލެއް ކޮމިޓީން ކަނޑައެޅެންދެން މިއަހަރުގެ ނިޔަލަށް ވަގުތީގޮތުން މެންބަރުންގެ ފަރިއްކޮޅާއި ސައިފޮދުގެ ކަންތައްތައް މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާގޮތަށް ކުރިއަށް ގެންދިއުމަށް ލަފާއެރުވުމަށާއި އަދި މިމައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ މަޖިލިސް މެންބަރުންނަށާއި ސެކެރެޓޭރިއޭޓުންނަށް ކެއިން ބުއިމުގެ ކަންތައްތައް ހަމަޖައްސާދެވޭ އުސޫލުތައް ދިރާސާކުރެއްވުމާއެކު އެމައްސަލައަށް އެ ކޮމިޓީން ގޮތެއް ކަނޑައެޅެންދެން މިހާރު މަޖިލީހަށް މި ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ސައުތު ބީޗާއެކު ވެވިފައިވާ އެއްބަސްވުމާމެދު ގޮތެއް ނިންމެވުމަށެވެ.

މީގެއިތުރުން ކޮމިޓީގެ ބައްދަލުވުމުގައި “ހަތްވަނަ ސާރކް ސްޕީކާރސް އެންޑް ޕާލިމަންޓޭރިއަންސް ކޮންފެރެންސް” އިންތިޒާމް ކުރުމަށް ކަމުގެ ތަޖުރިބާކާރު ދެ ބޭފުޅަކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ޢައްޔަން ކުރުމަށް ޤާނޫނާއި ގަވާއިދު ތަންދޭ ގޮތުގެމަތިން އަދި މަޖިލީހުގެ ރައީސް އެކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީފުޅުގައިވާ ގޮތުގެމަތިން ހަމަޖެއްސެވުން އެންމެ ރަނގަޅުކަމުގައި ކޮމިޓީން ނިންމެވިއެވެ.

އަދި ދައުލަތުގެ ބަޖެޓް 2013 ގެ ބަހުސްގައި މެންބަރުން ވާހަކަ ދެއްކެވުމަށް އަރުވާނެ ވަގުތު ކަނޑައަޅައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލައާ މެދު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ބަޖެޓް މަޖިލީހަށް ހުށަހެޅުވުމަށްފަހު، މެންބަރުންނަށް ބަޖެޓާމެދު ބަހުސްކުރުމަށް ދެވޭ ފުރުސަތުގައި ކޮންމެ މެންބަރަކަށް 15 (ފަނަރަ) މިނެޓް އަދި ބަޖެޓް ރިޕޯޓްގެ ބަހުސްކުރުމަށް ދެވޭ ފުރުސަތުގައި ކޮންމެ މެންބަރަކަށް 7 (ހަތެއް) މިނެޓްގެ ވަގުތެއް ދެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މިގޮތަށް ނިންމެވުމާ ގުޅިގެން ބަޖެޓްގެ ޖަލްސާތަކަށް އިތުރު ބަދަލު ގެންނަންޖެހޭނަމަ، އެބަދަލެއް ގެނައުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

މީގެއިތުރުން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން އާންމުން ފޮނުއްވަވާފައިވާ ސިޓީތައް ފޮނުވާނެ ކޮމިޓީތައް ކަނޑައެޅުއްވިއެވެ.

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ. ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ހުންނެވީ ސަލާމުގައެވެ.