މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި އާއިލާއާ ބެހޭ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 28 ވަނަ ބައްދަލުވުމުގައި، އާއިލާއާ ބެހޭ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި ހުށަހެޅިފައިވާ އިޞްލާހުތަކާބެހޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ފެމިލީ ކޯޓުގެ ބޭފުޅުންނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވާއިދުގެ 2012 އަށް ހުށަހެޅިފައިވާ އިޞްލާޙުތައް ކޮމިޓީން ބައްލަވައި، އެގަވާއިދު އިޞްލާހުތަކާއެކު ކޮމިޓީން ފާސްކުރެއްވިއެވެ.

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.