މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލްއާ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސް ލޭންޑާއި ގުޅިގެން މިމަހު 12 އިން 22 އަށް ކުރިއަށްދާ ނޫސްވެރިކަމާބެހޭ ޕްރޮގްރާމްގައި، މަޖިލީހަށް އަމާޒު ކުރެވިގެން މީޑިއާ ސެލްފް ރެގިއުލޭޓް ކުރުމާއި މަޢުލޫމާތު ހޯދައި ލިބިގަތުގުމުގެ މުހިންމު ކަމުގެ މައްޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް، ކްއީންސް ލޭންޑް ޔުނިވަރސިޓީގެ ސްކޫލް އޮފް ޖާރނަލިޒަމްގެ ޕްރޮފެސަރ ރޮންޑަރ ބްރެއިޓް އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2 މެންބަރުން ކަމުގައިވާ އަޙްމަދު ޒާހިރު އާދަމް އާއި ޒިހުނަތު ޙަސަން ހާޒިރުވެވަޑައިގެންނެވިއެވެ.
އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ 7 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.