އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2013 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2013 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 59 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައިވާ އިޞްލާޙުތައް އެ ޤާނޫނަށް ގެންނެވުމަށް އިޖްތިމާއީ ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ ކޮމިޓީން ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވާފައިވެއެވެ.

މިގޮތަށް ފާސްކުރެއްވީ 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓް ދެއްވާފައިވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދްމަތުގެ ބިލު 2012 ގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް މިއަދު ޖުމްލަ 11 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ނޮވެމްބަރ 2012 ވާ އާދީއްތަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

7 މުޙައްރަމް 1434

21 ނޮވެމްބަރ 2012