އިމްތިޔާޒު ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކޮމިޓީން ހޮއްވަވައިފި

މިއަދު ބޭއްވުނު އިމްތިޔާޒު ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުން ހޮއްވަވައިފިއެވެ.

އެއަށްފަހު، މިއަދުގެ ޖަލްސާގައި 25 ނޮވެމްބަރ 2010 ވީ ބުރާސްފަތިދުވަހުގެ ރޭ މެންދަމު 12 ގައި ދިޓީވީއިން ގެނެސްދިން ޚަބަރުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ޢިއްޒަތް ނަގާލާފައިވާ ކަމަށްބުނެ، އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ދިޓީވީގެ އެޑިޓަރ މިދުޙަތު އާދަމްއާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. މިގޮތުން، މިބައްދަލުކުރެއްވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދިޓީވީގެ އެޑިޓަރ ވިދާޅުވީ މެންބަރުން ދައްކަވާވާހަކަފުޅުތައް ދިޓިވީއިން ގެނަސްދިނުމުގައި ވަކި ފަރާތަށް ނުޖެހޭކަމަށާއި، އަދި މެންބަރުން ދައްކަވާ ވާހަކަފުޅު ބަދަލުކޮށް ހައްދަވާފައި ނުވާނެކަމަށެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި، ދިޓީވީ ހިންގާ ކުންފުނީގެ ބޯޑު ހާޒިރުކުރުމަށް ހުށަހެޅި ތާޢީދުލިބިފައިވެއެވެ. އަދި ހުށަހަޅުއްވާފައި މައްސަލައާ ގުޅޭ ޚަބަރުގެ ރެކޯޑިންގ ދިޓީވީއިން ހޯއްދެއްވުމާ ބެހޭގޮތުން ކޮމިޓީގައި މެންބަރުން ވާހަކަފުޅުދައްކަވާފައިވެއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ. ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުންނެވީ ޗުއްޓީގައެވެ.