އައި.ޕީ.ޔޫ.ގެ މިޝަންގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އިންޓަރ-ޕާލިމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ.) އަށް ހުށަހެޅިފައިވާ ބައެއް މައްސަލަތައް އިތުރަށް ދިރާސާކުރެއްވުމަށް ކެނަޑާގެ ކެބެކް ސިޓީގައި މިދިޔަ އޮކްޓޯބަރުމަހުގެ 21 އިން 26 އަށް ބޭއްވުނު އައި.ޕީ.ޔޫ.ގެ 127 ވަނަ ޖަލްސާއިން ނިންމެވުމާ ގުޅިގެން، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އައި.ޕީ.ޔޫ.ގެ މިޝަންއާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ބިލާއި އިމްތިޔާޒު ކޮމިޓީއަށް ފަންނީ ލަފާދެއްވުމަށް ވަޑައިގެން އުޅުއްވާ އައި.ޕީ.ޔޫ.ގެ މިޝަންގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

 އައި.ޕީ.ޔޫ.ގެ ދެ މިޝަންގެ ބޭފުޅުންނާ އެކުއެކީގައި ބޭއްވެވި މި ބައްދަލުވުން ފަށްޓަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އައި.ޕީ.ޔޫ.ގެ މިފަދަ މިޝަންއެއް ރާއްޖެވަޑައިގެންނެވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާއި، މިހާރު މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ބިލާ ގުޅޭގޮތުންނެވެ.

 މީގެ އިތުރަށް، އައި.ޕީ.ޔޫ.ގެ މިޝަންގެ ބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ދެ ޢިއްޒަތްތެރި މެންބަރަކު ހައްޔަރުކުރުމާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ. މިގޮތުން، އެކަން މަޖިލީހުގެ ރައީސަށް އެނގިވަޑައިގަތުމުން، މަޖިލީހުގެ ރައީސް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޯނުން ގުޅުއްވައި، މެންބަރުން ދޫކުރެއްވުމަށް އެންގެވިކަމަށާއި، އަދި އިމްތިޔާޒު ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ކޮމިޓީންވެސް އެ މެންބަރުން ދޫކުރެއްވުމަށް އެންގެވި ކަމުގެ މަޢުލޫމާތު ދެއްވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ވަޒީރެއްގެ ނުވަތަ މިނިވަން މުވައްސަސާއެއްގެ މެންބަރެއްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެފަދައިން މެންބަރަކު ބަންދުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއެވެ.

 މީގެ އިތުރަށް، އެމަނިކުފާނުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހަށް ދިމާވާ ގޮންޖެހުންތަކާއި، މިހާރު ހުށަހެޅިފައިވާ ބައެއް މުހިންމު ބިލުތަކާއި މަޖިލީހުގެ މަސައްކަތްތައް ރޭވި ހިނގަމުންދާ ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އައި.ޕީ.ޔޫ.އިން އަބަދުވެސް މަޖިލީހަށް ވެދެއްވަމުން ގެންދަވާ އެހީތަކަމަށް ޝުކުރު ދެންނެވިއެވެ.

 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ދިރާސާކުރެއްވުމަށް ވަޑައިގެންވި މިޝަންގެ ބޭފުޅުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރ 2012 ގައެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފަންނީ ލަފާދެއްވުމަށް ވަޑައިގެންނެވި ފަންނީ މާހިރު އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2012 ގައެވެ. މި ބޭފުޅުން ފުރާވަޑައިގެންނެވުމުގެ ކުރިން، 22 ނޮވެމްބަރު 2012 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.