ހަނުހުރުމުގެ ޙައްޤުގެ ބިލު މަޖިލީހުން ބަލައިގަންނަން ފާސްކުރައްވައިފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ހަނުހުރުމުގެ ޙައްޤުގެ ބިލު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 27 މެންބަރުންނެވެ.

މިބިލު ބަލައިގަތުމާގުޅިގެން ވަނީ ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން 2 ބިލަކާއި ޤަރާރެއްގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައި ބަޔާންކޮށްފައިވާހިނދު، ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ދިނުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ އާސަންދަ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ޚަރަދެއް ދައުލަތުން ކުރަމުން ނުދިއުމުގެ ސަބަބުން ވަރަށް ނިކަމެތި ހާލުގައި ޖެހިފައިވާ އެތަކެއް ދިވެހި ރައްޔިތުންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވި ނިކަމެތި ހާލުގައި ވާތީ މިކަމަށް އެކަށޭނަ ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅުއްވާފައިވާ ޤަރާރެވެ.

އަދި މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުން ކުރިއަށްގެންދަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 ނޮވެމްބަރ 2012 ވާ ބުދަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

5 މުޙައްރަމް 1434

19 ނޮވެމްބަރ 2012