ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ހުންނަ ޢިމާރާތުން އެފަރާތް ނުކުތުމަށް އަންގަވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހުންނަ ޢިމާރާތުން އެފަރާތް ނުކުތުމަށް އަންގަވާ, އެކި ފަރާތްތަކުން ޕްރެޝަރ ކުރަމުންދާތި، މިއީ ޒިންމާދާރު ގޮތެއްގައި ކުރަމުންދާ ކަމެއްކަމުގައި ޔުނިވަރސިޓީން ނުދެކޭކަމަށް ބަޔާންކޮށް މިކަން ބައްލަވައިދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލައިގެ މަސައްކަތް މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި ކުރިއަށްގެންދަވައިފިއެވެ.

އެގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ޖަމާލުއްދީން ސްކޫލްގެ އިސް ބޭފުޅުންނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީ، އަލްފާޞިލް ޢަބްދުﷲ ޖިހާދުއާ ކޮމިޓީން ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހާޒިރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޞިލް ޙުސެން ޙަލީމް ހިމެނިވަޑައިގަންނަވައެވެ. އަދި ޖަމާލުއްދީން ސްކޫލުގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ސްކޫލުގެ ޕްރިންސިޕަލް އަލްފާޞިލް ޙުސެން މުޙަންމަދު އަދި ސްކޫލް ބޯޑުގެ ވައިސް ޗެއަރޕާސަން އަލްފާޞިލް މުޙަންމަދު މާޙިދް ޝަރީފު ހިމެނިވަޑައިގަންނަވައެވެ.

މި ދެ ފަރާތުން ވަނީ، ދެ ފަރާތަށްވެސް ކުރިމަތިވެފައިވާ ދަތިތައް ބަޔާންކުރައްވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހުންނަ ޢިމާރާތް ދެ ފަރާތަށްވެސް ބޭނުންތެރިވާ ސަބަބުތައް ކޮމިޓީގެ މެންބަރުންނަށް ހިއްސާކުރައްވާފައެވެ. އަދި މި މައްސަލަ ހައްލުކުރުމާއި ބެހޭ ގޮތުން ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، މި މައްސަލައަކީ ފިނޭންސް މިނިސްޓްރީން ބައްލަވާ ބާވަތުގެ މައްސަލައެއް ނޫން ކަމަށާ، ނަމަވެސް މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީން ވެދެއްވެން އޮތް އެހީއެއް ފޯރުކޮށްދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ.

ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.