ޙައްޖު ގްރޫޕުތަކުގެ މައްސަލާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި، ރާއްޖޭގެ ބައެއް ޙައްޖު ގްރޫޕްތަކުން ޙައްޖަށް ގެންގޮސްދޭނެކަމަށްބުނެ، ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ ދިރާސާ ކުރެއްވުން ކުރިއަށްގެންދަވައިފިއެވެ.

މިގޮތުން މި މައްސަލައާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އައްޝައިޙް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އަމީންޢާންމް އައްޝައިޙް މުޙަންމަދު ފާރޫޤް އާ ކޮމިޓީން ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ، މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މާފަންނު އެތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ.