2012 ވަނަ އަހަރުގެ ބަޖެޓުން މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ނިންމަވާފައިވާ ނިންމުމަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ ޤަރާރު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި ‘ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުގެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު’ ގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މިގޮތުން، މި ޤަރާރާއި މެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ފޮނުއްވާފައިވާ ސިޓީއަށް ރިޢާޔަތްކުރައްވާ މަޝްވަރާކުރެއްވުމަށްފަހު، ޤަރާރާ ގުޅޭގޮތުން ކޮމިޓީން ތައްޔާރުކުރައްވާފައިވާ ރިޕޯޓުގައި ރިކޮމެންޑޭޝަންސް ތަކެއް ހިމެނުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމެވިއެވެ.

            އެގޮތުން ކޮމިޓީން ޤަބޫލުކުރައްވާ ގޮތުގައި ސަބްސިޑީ ދޫކުރުމަށް އިތުރު ހުރަހެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސުންނާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދެއްވާފައިވާ ޖަވާބާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާއެކު، މަސްވެރިންނަށް ސަބްސިޑީ ދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށް ބަލާއިރު ސަބްސިޑީ ދިނުމަށް އިތުރު ހުރަހެއް އޮތްކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާބެހޭގޮތުން ވިދާޅުވެފައި އޮތް ކަންތައްތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދެއްވާފައިވާ ޖަވާބުގައި ވާ ގޮތުގެ މަތިން އެކަހަލަ މައްސަލައެއް އުޅޭނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމައްސަލައެއް ބައްލަވާނެކަމަށް ޤަބޫލުކުރައްވާކަމަށާއި އަދި ސަބްސިޑީގެ ކަންތައް ވީހާވެސް އަވަހަކަށް ސަރުކާރުން ރައްޔިތުންނަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކޮމިޓީން ދެކެވަޑައިގަންނަވާ ކަމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ދިވެހިރާއްޖޭގައި ދެވޭ ސީޕްލޭންގެ ޙިދުމަތް އިތުރަށް ތަރައްޤީކޮށް އަދި އެ ޙިދުމަތް ދިނުމުގެ ހުއްދަ އިތުރު ފަރާތްތަކަށް ހުޅުވާލުމަށް މަސައްކަތް ކޮށްދިނުމަށް އެދި ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއާ މެދު ކޮމިޓީގަ މަޝްވަރާކުރައްވާފައިވެއެވެ. އަދި އެކަމާ ގުޅޭގޮތުންއިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށްގެން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު އާ ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ލަފާފުޅު ހޯއްދެވުމަށް ސިޓީފުޅެއް ފޮނުއްވާފައިވުމާއެކު، ކައުންސެލް ޖެނެރަލްގެ ލަފާފުޅު ލިބުމުން މިބިލުގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތަށް ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދުއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.