40 އަހަރު ކުރިން ފެށިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން އުފެދި، ކުރިއަށް ގޮސްފައިވާކަން ދައްކުވައިދޭ ފޮޓޯމައުރަޒެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް ޢަބްދުﷲ ޝާހިދު ހުޅުއްވައިދެއްވައިފިއެވެ.
ޤައުމީ ދާރުލްއާސާރު ހުންނަ ޢިމާރާތުގައި މި މައުރަޒް ހުޅުއްވައިދެއްވުމަށް މިއަދު ބޭއްވި ޙަފްލާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާގެ ސިޔާސީ ގުޅުން ފެށިގެން ގޮސްފައިވަނީ، 14 އޮކްޓޯބަރ 1972 ގައި ދެ ޤައުމު ދެމެދުގައި ސޮއެކުރެވުނު އެއްބަސްވުމުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ބެއިޖިންގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވުމަށްޓަކައި ރާއްޖޭގެ ފަރާތުން ކުރި މަސައްކަތުގަޔާ އަދި މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ގްރޫޕް ޤާއިމްކުރެއްވުމަށް ރާއްޖޭގެ ފަރާތުން ކުރި މަސައްކަތުގައި، ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން މިއަދު ފެންނަން އެބައޮތް ކަމުގައި ވިދާޅުވިއެވެ..
އެދުވަސްވަރުން ފެށިގެން ރާއްޖެއާއި ޗައިނާގެ ރައްޔިތުންނާ ދެމެދު ގުޅުން އުފެދި ކުރިއަށް ގޮސްފައިވާކަން ބަޔާން ކުރައްވަމުން، ޗައިނާގެ ގިނަ މީހުން، ރާއްޖެއަށް ޓުވަރިސްޓުންގެ ގޮތުގައި ދަތުރުކުރަން ފެށުމުން، ޗައިނާއާއި ރާއްޖެއާ، ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ މުޢާމަލާތް އިތުރުވެ، އެކަންކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށާއި، ތަރައްޤީއަށް ކުރިއެރުން އިތުރުވެގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އަދި ޗައިނާގެ ރައްޔިތުންގެ މަޖިލީހާ ގުޅުން ބަދަހިކުރުމަށް، ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދިން އެހީގެ ދަށުން ރާއްޖޭގެ ދެރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކުރެއްވުމުގެ އަމަލީ މަސައްކަތް ފާހަގަކުރައްވައި، ޗައިނާގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީފުޅުތައް މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް މިދެއްވާ އެހީގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިމާރާތާއި އަދި ޤައުމީ ދާރުލްއާސާރު ހުންނަ ޢިމާރާތް ހަދިޔާކުރެއްވި ކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޙަފްލާގައި، ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ހަރ އެކްސަލަންސީ މެޑަމް ޗެން ޒިލީ ވާހަކަފުޅުދެއްކެވިއެވެ.
އެ ޙަފްލާއަށްފަހު، ރައްޔިތުންގެ މަޖިލީހުގަ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ހަރ އެކްސަލަންސީ މެޑަމް ޗެން ޒިލީ އަދި ޗައިނާގެ ވަފްދުގެ ބޭފުޅުން ފޮޓޯ މައުރަޒްގެ ބައެއް ފޮޓޯ ބައްލަވާލެއްވިއެވެ.
23 ޑިސެމްބަރގެ ނިޔަލަށް މިމައުރަޒް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.