ހަނުހުރުމުގެ ޙައްޤުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ހަނުހުރުމުގެ ޙައްޤުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލަށް 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މިއީ މިބިލުގެ ބަހުސް ކުރިއަށް ގެންދެވި ދެވަނަ ދުވަހެވެ.

މިބިލު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ހުށަހަޅުއްވާއިވަނީ ހަނުހުރުމުގެ ހައްޤާއި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ދެ ޙައްޤަށްވާއިރު، އެދެ ޙައްޤު ޤަނޫނުއަސާސީން ތަޢާރުފުކުރުމާ ހަމައަށްވެސް، އަދި އޭގެ ފަހުންވެސް، އެދެ ޙައްޤުގެ މަފްހޫމާއި ޢިލްމާއި ފިޤްހު ދިވެހިރާއްޖޭގައި ދިވެހިބަހުން ދެނެގަނެވޭނެ ގޮތެއް ނެތުމުން، އެދެ ޙައްޤުގެ ތަޢުރިފާއި މުހިންމުކަމާއި އެ ދެ ޙައްޤުގެ ތެރޭގައި ހިމެނިގެންވާ ކަންކަމާއި ހިމެނިގެންނުވާ ކަންކަން ސާފުކޮށް ބަޔާންވެގެންވާ ޤާނޫނީ ޝަރުޢީ މަސްދަރެއް ނެތުމުން ދިމާވާ ދަތިތައް ޙައްލުކޮށް، އެ ދެ ޙައްޤުހެ މާނައާއި ދާއިރާއާއި ޙާލަތް ޤާނޫނެއްގައި ތަފްޞީލުކޮށް ބަޔާންވެގެންވުމީ ދިވެހި ޤާނޫނީ ޝަރުޢީ ނިޒާމަށް މުހިންކަމެއް ކަމުގައި ޤަބޫލުކުރެވޭތީއެވެ.

މިއަދުގެ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަލީޝާ ޙައްޖު އެންޑް އުމުރާ ސަރވިސަސްގެ ނަމުގައި ޙައްޖަށް ގެންދިއުމަށް ރައްޔިތުންގެ ގިނައަދަދެއްގެ ބައެއްގެ އަތުން ފައިސާނަގައި އޮޅުވާލުމާއި މަކަރުގެ ދަލުގައި ޖެހުނު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހިސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވެވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވެވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ނޮވެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.