2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުން 26 ނޮވެމްބަރ 2012 ވާ ހޯމަދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވަން މަޖިލީހުގެ ރައީސް ނިންމަވައިފި

2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުން 26 ނޮވެމްބަރ 2013 ވާ ހޯމަދުވަހު ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވަން މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދުއަށް ފޮނުއްވި ސިޓީ ފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ (ހ) ގައި ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހިނގަމުންދާ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ކުރިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަޖިލީހުގެ ޢާއްމު ޖަލްސާއަކަށް ހުށަހަޅަންވާނެކަމުގައި ބަޔާން ކޮށްފައިވާ ކަމާއި، ބަޖެޓްގެ ބަހުސް ފެށޭނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމުގައި ލިއުއްވާފައިވެއެވެ. އަދި ބަޖެޓް ކޮމިޓީގެ ރިޕޯޓް އަހަރު ނިމުމުގެ 7 ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ވާނެ ކަމުގައިވެސް މަޖިލީހުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ މުއްދަތުތައް އެހެން ހުރުމާއެކު 2013 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ޢާއްމު ޖަލްސާއަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުށަހަޅުއްވާ ތާރީޚަކީ 26 ނޮވެމްބަރ 2012 ވާ ހޯމަދުވަސްކަމުގައި ހަމަޖެއްސެވީ ކަމުގައިވެސް މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ލިއުއްވާފައި ވެއެވެ.

މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ފޮނުއްވާ ތަފްޞީލްތައް 25 ނޮވެމްބަރ 2012 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުއްވައި ދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވެއެވެ.

26 ނޮވެމްބަރ 2012 ވާ ހޯމަދުވަހު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ 2013 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމުން މަޖިލީހުގެ ގަވައިދުގައި ވާ ގޮތުގެ މަތިން ބަޖެޓްގެ ބަހުސް ފެށޭނީ އެ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު 3 ޑިސެމްބަރ 2012 ވާ ހޯމަދުވަހުއެވެ.