ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮޑިޓަރ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2010 ވަނަ  އަހަރުގެ އޮޑިޓް ރިޕޯޓް (ރިޕޯޓް ނަންބަރު:FIN-2012-29)މ13 ނޮވެމްބަރ 2012 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާތީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮޑިޓަރ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ ސިޓީފުޅުގައި މި އިދާރާގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް އިޞްލާޙްކުރައްވަން ލަފާދެއްވާފައިވާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް މި އިދާރާގެ ކަމާއިބެހޭ އިސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިރުޝާދުދެއްވާ ނަޞޭހަތްތެރިވެ ވަޑައިގެންފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.

އަދި އެ ރިޕޯޓްގައި ޤާނޫނާއި ގަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާކަމަށް ބަޔާންކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ޗެމްބަރ އޮޓޮމޭޝަން ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅޭގޮތުން އިޞްލާޙް ކުރެއްވުމަށް އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޕްރޮޖެކްޓްގެ އެކި މަރުހަލާގައި ކަން ހިނގާފައިވާ ގޮތް އިތުރަށް ބެއްލެވުމަށް އެ ރިޕޯޓްގައި މި މައްސަލައާއިގުޅޭގޮތުން ފާހަގަ ކޮށްފައިވާ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް އޮޑިޓަރ ޖެނެރަލް ދަންނަވާފައިވާތީ، އެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މިއަދު އެ ކޮމިޝަނަށް ހުށަހަޅުއްވާފައެވެ.