ނޫސް ބަޔާން:ސަރުކާރުގެ ތަރުޖަމާނު ޢައްބާސް ޢާދިލް ރިޒާ ވިދާޅުވެފައިވާ ބަޔާނާ ގުޅޭގޮތުން

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނެރުއްވީ ޒިންމާދާރުކަމެއް ނެތް ބަޔާނެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު ޢައްބާސް ޢާދިލް ރިޒާ ވިދާޅުވެފައިވާ ބަޔާނާ ގުޅޭގޮތުން ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު 16 ނޮވެމްބަރ 2012 ގެ ފަތިހުގެ ވަގުތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކުރުމާ ގުޅިގެން، އެކަން ކުއްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ބަޔާނެއް ނެރެފައެއް ނުވާނެއެވެ. އެމައްސަލައާގުޅިގެން ރައްޔިތުންގެ މަޖިލީހުން އިދާރާއިން ނެރެފައިވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާއި، އެ އުސޫލާ ގުޅުހުންހުރި، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ މައްސަލަތައް ބަޔާންކޮށް، އެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުއްވި ސިޓީފުޅުގެ ޚަބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެ މައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރު ނުކުރެވޭނެކަމަށެވެ. މިވަގުތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަޤާމުން ދުރުކުރުމުގެ މައްސަލައަކާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން މަޤާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށުގެ ތުހުމަތެއްގައި ބަންދުކޮށްފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި، އެކަން އިމްތިޔާޒު ކޮމިޓީއަށް އަންގަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި އެފަދައިން އެންގުމާއެކު، ވީ އެންމެ އަވަސް ފުރުޞަތެއްގައި ތެރޭގައި އެ މައްސަލަ ބެލުމަށްޓަކައި އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަންވާނެކަމަށްވެސް އެ މާއްދާގައި ބަޔާންކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނުދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކުރިކަން، އެ ސަރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެކަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލައި، ޢަމަލުކުރަމުން އަންނަ ގަވާއިދެކެވެ. އެގަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނު ހެދުމުގެ ބާރުގެ ފަރާތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. އެ ގަވާއިދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާސްކުރައްވާފައިވާ ގަވާއިދެކެވެ. އެ ގަވާއިދުގައި ހިމެނޭ މާއްދާއަކާމެދު ނުވަތަ މާއްދާތަކަކާމެދު ސަރުކާރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކޮންމެފަހަރަކު ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ރައްދުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އެކި ބާވަތުގެ ވާހަކަތައް ވިދާޅުވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާއި،ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ކަމާބެހޭ އިޚްތިޞާޞް ލިބިދީފައިވާ ކޯޓަކަށް އެމައްސަލައެއް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީން ލިބިފީދައިވާ ޙައްޤުގެ ބޭނުން ހިއްޕެވުން ބުއްދުވެރިއެވެ.

       16 ނޮވެމްބަރ 2012 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅު ފޮނުއްވުމަށް ނިންމަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙަންމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނާ މަޝްވަރާކޮށް، އެ ބޭފުޅުންގެވެސް ލަފާފުޅުގެ މަތިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، އެ އުސޫލާ އެއްގޮތަށް އެ ސަރވިސްއިން ޢަމަލުކުރެއްވުމަށް ދެންނެވުމަށާއި މިކަން ހިނގާފައި މިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށް ގަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީ.ޕީ.އެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލަފާދެއްވާފައިވަނިކޮށް އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއްމެންބަރުން އެމަނިކުފާނު ދެއްވި މަޝްވަރާ އާއި އިދިކޮޅަށް މީޑިއާގައި ވާހަކަފުޅުދައްކަވަމުން ގެންދަވާތީ އެކަމާ މަޖިލީހުގެ ރައީސް ހިތާމަކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުއްވި ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ހައްޔަރުކުރެވުނު މައްސަލަ ތަޙްޤީޤު ނުކުރެއްވުމަށް ނުވަތަ އެ މައްސަލަ ނުބެލެއްވުމަކަށް ނުވަތަ ކުށެއްކޮށްފައިވާމީހަކަށް ދެއްވަންޖެހޭ އަދަބެއް ނުދެއްވުމަކަށްވެސް ދަންނަވާފައެއްނުވާނެއެވެ. އަދި، އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކުން އެމީހަކު ބަރީއަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތްކުރައްވާފައެއް ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ކަރާމާތް ނަގާލެއްވުމަށް ސަރުކާރުން ތަކުރާރުކޮށް މަސައްކަތް ކުރައްވަމުން ގެންދަވާތީއާއި، ވަކި މީހަކާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކުރުމަށްޓަކައި ދެކެވޭ ވާހަކަތަކާމެދުނުހަނު ކަންބޮޑުވެ، އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތާމަކުރާ ވާހަކަ ދެންނެވީމެވެ.