މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރުން ބަންދު ކުރުމާއި ގުޅިގެން އިމްތިޔާޒު ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލް ޢަފޫރު ހައްޔަރު ކުރުމާއި ގުޅިގެން އިމްތިޔާޒު ކޮމިޓީގެ 20 ވަނަ ބައްދަލުވުން ކުއްލި ބައްދަލުވުމެއްގެ ގޮތުގައި މިރޭ ބާއްވައިފިއެވެ.

މިރޭގެ ބައްދަލުވުމުގައި މިމައްސަލައާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލް ޢަފޫރު ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ވާތީ، އެމެންބަރުން ވަގުތުން ދޫކޮށްލެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އެންގުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ނިންމަވާފައިވެއެވެ.

އަދި، ފުލުހުންގެ ބެލުމުގެ ދަށުގައިވާ، ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރުން ދޫކޮށްލެއްވުމަށްފަހު، އިމްތިޔާޒު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަންދެން ކޮމިޓީގެ ބައްދަލުވުން މެދުކަނޑާނުލާ ކޮމިޓީ ކުރިއަށް ގެންދިއުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ނިންމެވިއެވެ.

އެއަށްފަހު ހައްޔަރުކޮށްފައިވާ ދެ މެންބަރުން ދޫކޮށްލުމަށް ކޮމިޓީން ގޮވާލި ގޮވާލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފޮނުއްވި ސިޓީ ކޮމިޓީއަށް އިއްވަވާ، މިކަމާއި ގުޅިގެން ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދަވާފައިވެއެވެ. އަދި މި ކޮމިޓީގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަލްއުސްތާޛް ފާތުމަތު ދިޔާނާ ސަޢީދު ބަޔާނެއް ދެއްވަވާފައިވެއެވެ.

އޭގެ ފަހުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހެޅުއްވި ހުށަހެޅުންކަމުގައިވާ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން ޣައިރު ޤާނޫނީ ގޮތެއްގައި ކަން ކޮމިޓީއިން ނިންމެވުމަށާއި، އަދި އެދެބޭފުޅުން ދޫކޮށްދިނުމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ނެރުއްވާފައިވާ އަމުރަށް ތަބާވުމަށާއި އަދި ޤާނޫނު ތަކުގެ ބާރު ކަނޑާލާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިއެއްގެ މަޤާމުގައި ހުރެ ޕޮލިސް ސަރވިސްގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ހިންގަވާފައިވާތީ، ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒްގެ މައްސަލަ ބެއްލެވުމަށް އެދިވަޑައިގެން ޕީޖީއަށް ހުށަހެޅުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާ ދެ މެންބަރުންނަށް ފުލުހުން ލާއިންސާނީ އަނިޔާ ކޮށްފައިވާކަމުގެ މަޢުލޫމާތުު ކޮމިޓީގެ މެންބަރުންނަށް ލިބިފައިވާތީ އާއި މިފަދަ އަނިޔާ ކޮށްފައިވާކަން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އާޢިލާއަށް އެނގިފައިވާކަން އަލްއުސްތާޛް ފާތުމަތު ދިޔާނާ ސަޢީދުގެ ބަޔާނުގައި ވިދާޅުވެފައިވާތީ، އަދި އެ ކަމަނާގެ ބަޔާނުގައި ހިއުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް މި މައްސަލަ ތަހްޤީޤުކޮށްދިނުމަށް ފޮނުއްވުމަށް އިމްތިޔާޒް ކޮމިޓީގައި އެދިވަޑައިގެންފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މި މައްސަލަ ތަޙްޤީޤުކުރުމަށް ގޮވާލުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ ހުށަހެޅުއްވި ހުށަހެޅުންވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

 މިރޭގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.