މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 44 ވަނަ ބައްދަލުވުމުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ފަނޑިޔާރުން އައްޔަނުކޮށް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާކަމަށް ބުނެ އެ ކޮމިޓީގެ 3 މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ކޮމެޓީގެ މުގައްރިރު، ކުޅުދިއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ބައްދަލުވުން ފެއްޓެވުމަށް ފަހު މެންބަރުން ސުވާލު ކުރެއްވުމުގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙަންމަދު ޢަބްދުﷲ އަށް ވަނީ ވާހަކަފުޅުދެއްކުމަށް ފުރުސަތު ދެއްވައިފަ އެވެ.
ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙަންމަދު ޢަބްދުﷲ ވިދާޅުވީ 18 އޮކްޓޯބަރު 2010 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި މިބާވަތުގެ މައްސަލަތަކުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން ނިޒާމަކަށް ވެފައި ކޯޓުތަކުގެ މިނިވަންކަމާއި ރައްކާތެރިކަން ހިމާޔަތްކުރުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައް ހިންގުމާއި ހަވާލުވެ ތިއްބެވި އެންމެހައި މީހުންގެ މައްޗަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އިން ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ކަމެއް ހަވާލުވެ ހުރި މީހަކު ވިޔަސް އަމިއްލަ ފަރުދަކު ވިޔަސް ފަނޑިޔާރުގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަމަށެވެ.
އަދި ހުޅުމާލޭ ކޯޓުގެ މައްސަލައަކީ ސުޕްރީމް ކޯޓަށް ފައިލް ކޮށްފައިވާ މައްސަލައަކަށް ވެފައި، ޝަރީއަތުން އެ މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައާ ގުޅޭގޮތުން ބަހުސް ކުރުމަކީ އެ މާއްދާގައި ބުނާފަދަ އަމަލަކަށް ވާތީ އެ މައުޟޫގައި ވާހަކަދެކެވެން ނެތްކަމަށް ވެސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙަންމަދު ޢަބްދުﷲ ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރުމުން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިޖުރާއީ ނުކުތާ ނަންގަވައި ވިދާޅުވީ 14 ދުވަހުގެ ނޯޓިސްއެއް ދިނުމަކާ ނުލައި ޖޭއެސްސީ ހާޒިރު ނުކުރެވޭނެ ކަމަށެވެ.
ރައްދުގައި ކޮމެޓީގެ މުގައްރިރު ނަޝީދު ވިދާޅުވީ 18އޮކްޓޯބަރ 2010 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގައި ކުރަން އުޅުނު ކަމަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރަކީ އެއީ އެ މައްސަލައަށް ޚާއްސަކޮށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި އެއަމުރު ނެރުމުގައި ފާހަގަކޮށްފައިވާ އޮޕީނިއަންތަކަކީ އެ ކޮމެޓީން އަމަލު ކުރުން ލާޒިމް އެއްޗެއް ނޫންކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ މައްސަލައާ ގުޅިގެން އެއްވެސް ބަހުސްއެއް ނުކުރުމަށް ސުޕްރީމް ކޯޓުން އެއްވެސް ރޫލިން އެހެއް ނެރެފައި ނުވާކަމަށެވެ.
ކޮމެޓީ މެދުކަނޑާލެއްވީ ކޮމެޓީގެ މެންބަރުން އެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް 10 މިނެޓް ކޮމިޓީގެ މުގައްރިރު ދެއްވިއެވެ.
އެވަގުތަށް ފަހު ކޮމެޓީ ފައްޓަވާ ކޮމެޓީގެ ސްޓޭންޑް ތަކުރާރުކުރެއްވުމަށް ފަހު މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރު އެ މައްސަލައިގައި ޖޭއެސްސީން ނިންމެވި ނިންމުން އެދިލެއްވުމުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ ސްޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ އެ މައްސަލައިގައި ބަހުސް ނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙަންމަދު ޢަބްދުﷲ، ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛް ޢަބްދުﷲ ދީދީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއެވެ.
އަދި މިނިވަން މުއައްސަސާގެ ކޮމިޓީގެ ފަރާތުން ހާޟިރުވެ ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިން ހުންނެވީ ޗުއްޓީގައެވެ.