ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް މިއަދު ބަހުސް ކުރައްވައިފިއެވެ.
މިމައްސަލައަކީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިޔާގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޑީ.އެމް މުލޭ އާއި ބެހޭ ގޮތުންނާއި، އަވަށްޓެރި އިންޑިޔާ އާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ޙަސަން މަނިކު އައްޔަނުކޮށް މަގާމުދީފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ވަރަށް ޒިންމާދާރުކަންކުޑަ ގޮތެއްގައި، ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އަވަށްޓެރި އިންޑިޔާ އާއި ދިވެހިރާއްޖެ އާއި މެދު އުފެދިފައިވާ ގާތް ރަހްމަތްތެރިކަމުގެ ގުޅުމަށްވެސް އަދި ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީތަކަށްވެސް ބެލުމެއްނެތި ޑިޕްލޮމެޓިކް އުޞޫލުތަކާވެސް ޚިލާފަށް އެއްވެސް އިހްތިރާމެއްނެތި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ސަރުކާރުން އެންމެ އެކަށޭނަ ފިޔަވަޅެއް އަޅުއްވާފައި ނުވާތީވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ. މިއަދުގެ ޖަލްސާގައި މިމައްސަލައަށް ޖުމްލަ 42 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. މިމައްސަލައަށް ވާހަކަ ދައްކަވަން އެދިވަޑައިގެން ހުރިހާ މެންބަރުންނަށް ވަނީ ފުރުޞަތު ދެއްވާފައެވެ.
މި ކުއްލި މައްސަލައިގެ ބަހުސަށްފަހު ކުރިއަށް ގެންދެވީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ކޯރަމް ގެއްލުމުގެ ސަބަބުން 14:50 ގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ނޮވެމްބަރ 2012 ވާ ބުދަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
28 ޛުލްޙިއްޖާ 1433
13 ނޮވެމްބަރ 2012