ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކާއި ގުޅިގެން ޝަރުޢީ ދާއިރާގެ އެއްވެސް ފަރާތަކަށް ދަންނަވަން ޖެހިއްޖެ ހިނދެއްގައި ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރުން މުހިންމުކަމުގައި ދެކެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރައްވައިފިއެވެ.
މަޝްވަރާގައި ޕާޓީތަކުގެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި އުއްތަމަފަނޑިޔާރުގެ ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޝަރުޢީ ދާއިރާގެ ފަރާތްތައް ޙާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ޢަމަލުކުރާނެގޮތަކާމެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައިވެއެވެ.
މިބައްދަލުވުމުގައި ޕާޓީތަކުގެ ލީޑަރުންދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ކުރިންވެސް ފަނޑިޔާރުން ހާޒިރުވެ ވަޑައިގެންފައިވާކަމަށާއި ފަނޑިޔާރުންގެ ފަރާތުން ކޮމިޓީތަކަށް އެއްބާރުލުން ލިބިފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި ފަނޑިޔާރުން ކޮމިޓީތަކަށް ވަޑައިގެން ކަމުގައިވިޔަސް އެބޭފުޅުންގެ ޖުޑިޝަލް ފަންކްޝަން ނުވަތަ ބައްލަވަމުން ގެންދަވާ މައްސަލަތަކާގުޅޭގޮތުން، ނުވަތަ ކުރައްވާ ޙުކުމާ ގުޅޭގޮތުން މީގެކުރިންވެސް މެންބަރުން ސުވާލު ކުރައްވާފައިނުވާކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ފަނޑިޔާރުން ޙާޒިރުވެވަޑައިގަތުމާބެހޭގޮތުން ލިޔެވިފައިވާ އުސޫލުތަކެއް އޮތުމަކީ މުހިންމު ކަމެއްކަމުގައިވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
އަދި މިގޮތުން ފަނޑިޔާރުން ކޮމިޓީތަކަށް ވަޑައިގަތުމުގައި ޢަމަލުކުރަމުން ގެންދާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރާއެކު މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދު ޞާލިހާއި މައިނޯރިޓީ ލީޑަރު މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށްވެސް ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުން މަޝްވަރާ ދެއްވިއެވެ.
28 ޛުލްޙިއްޖާ 1433
13 ނޮވެމްބަރ 2012